ޖިންސީ ގޯނާކުރާ މީހުންގެ މަޢުލޫމާތު އާންމުކުރާ ޕޯޓަލް އަލުން ފަރުމާކުރުމަށް ޕީޖީ އޮފީހާ ދެމެދު ސޮއިކޮށްފިއެވެ.
ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތު ޢާންމުކުރުމަށް ބޭނުންކުރެވޭ ޕޯޓަލް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ބޭނުމަށް އަލުން ފަރުމާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާއެއްގައި އެ ވުޒާރާއާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
ޖިންސީ ގޯނާކުރާ މީހުންގެ މަޢުލޫމާތު އާންމުކުރާ ޕޯޓަލް އަލުން ފަރުމާކުރުމުގެ މަޤްޞަދަކީ ދަފްތަރު ހަރުދަނާކޮށް، އެފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު ޢާންމުކޮށް ފަސޭހައިން ބެލޭނެ ގޮތެއް ޤާއިމުކުރުމާއި، މޯބައިލް ޑިވައިސްގެ ޒަރީއާއިން އެފަދަ ކުށްކޮށްފައި މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެން ފަސޭހަކަމާއެކު އެމީހުން ދެނެގަނެވޭނެ ނިޒާމެއް ޤާޢިމުކުރުމާއި އަދި ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ.
މިދަފްތަރުގައި ހިމެނޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާ އެއްވެސް މިންވަރަކަށް އެއްވެސް ޙާލަތެއްގައި ކުރި މީހެއްކަން ކޯޓަށް ސާބިތުވެ އެމީހެއްގެ މައްޗަށް ޙުކުމް ކޮށްފައިވާ ތިބި މީހުންގެ މަޢުލޫމާތެވެ.

