އއ. މާޅޮހުގައި ނިދާފައި އޮތް މީހަކަށް ހަމަލާ ދިނުމުގެ ސަބަބުން އެމީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުން ބުނީ، މަރުވެފައި ވަނީ، އެ ރަށު އޯކިޑްމާގެ އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް ކަމަށެވެ.
ފުލުހުން ބުނީ، އެ މީހާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށް ކަމަށެވެ. މަރުވީ ރޭގެ ފަތިހުއެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، މައްސަލައިގެ ތަހުގީގަށް މާލޭން ތަހުގީގު ޓީމެއް އެރަށަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ހުއްދައާ ނުލައި މާޅޮހުން މީހުން ފުރުން ވެސް ފުލުހުން ވަނީ މަނާކޮށްފައެވެ.
މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމު ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

