ޕާކިސްތާނުގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ހުމައިރާ އަސްގަރްގެ ހަށިގަނޑު މަރުވިތާ 10 މަސް ފަހުން ފެނިއްޖެއެވެ.
އޮޓޯޕްސީ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ހުމައިރާ އަސްގަރްގެ ހަށިގަނޑު ފެނިފައިވަނީ މަރުވެފައި އޮންނަތާ 8 ނުވަތަ 10 މަސް ވެފައި ވަނިކޮށް ކަމަށެވެ.
ހުމައިރާ ޕޯސްޓް މޯޓަމްގެ ނަތީޖާތައް އާންމުކޮށްފައިވާއިރު، އެ ނަތީޖާތަކުން ދައްކާ ގޮތުގައި ހުމައިރާ އަސްގަރް މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރު، ޑިސެމްބަރު ހާތަނުގައެވެ.
ހުމައިރާ މަރުވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، ފެނުނުއިރު ހަށިގަނޑު ވަނީ ކައްޓަށް ބަދަލުވެފައެވެ. ޕާކިސްތާނުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު ކުރިޔަށްދާ ކެމިކަލް ޓެސްޓުތަކާއި ލެބޯޓަރީ ޓެސްޓުތަކަށްފަހު ހުމައިރާގެ މަރުގެ ސަބަބު ދެނެގަނެވިދާނެ ކަމަށެވެ.
ހުމައިރާ އަސްގަރްގެ ހަށިގަނޑު ފެނިފައިވަނީ ޕާކިސްތާނުގެ ކަރާޗީގެ އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ.
ހުމައިރާ އަސްގަރް މަރުވިއިރު އޭނާގެ އުމުރަކީ 32 އަހަރެވެ.
ހުމައިރާ ފިލްމީ ދާއިރާއާ ގުޅުމުން އޭނާގެ އާއިލާއިން އޭނާއާ ގުޅުމެއް ނުއޮވެއެވެ. އެހެންކަމުން އޭނާގެ ހަށިގަނޑާ ހަވާލުވާން ވެސް އާއިލާއިން ވަނީ ދެކޮޅު ހަދާފައެވެ.
ހުމައިރާ އަސްގަރަކީ އަކީ ޕާކިސްތާނުގެ މަޝްހޫރު މޮޑެލެއްގެ އިތުރުން ޓީވީ ސީރީސްތަކުގައި އާންމުންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އެކްޓެރެސްއެކެވެ.

