އއ. މާޅޮހުގައި އުމުރުން ދުވަސްވީ މަސްވެރިއަކު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މައްސަލައިގައި އެރަށަށް އަރާފައިބާ މީހުން މޮނިޓަރ ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މަރާލާފައިވަނީ އެރަށު އޯކިޑްމާގޭ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމެވެ. މަސްވެރިކަން ކުރަމުން އައި އަބްދުއްރަހުމާން ފެނުނީ ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް ޒަޚަމްކޮށްލާފައި ވަނިކޮށެވެ. އަބްދުއްރަހްމާނު މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ އޭނާގެ އަނބިމީހާއާއެކުގައި ކަމަށްވިޔަސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ގޭގައި ނެތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހުމާނުގެ ދެ ދަރިން އެބަތިއްބެވެ.
އެރަށުން މަޢުލޫމާތު ލިބިފައިވާގޮތުގައި އަބްދުއްރަހްމާނަށް އެންމެ ބޮޑަށް އަނިޔާ ދީފައިވަނީ ބޮލަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ ރޭ 12:00 އާއި 1:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ 1:50 ގައެވެ.
މި މައްސަލައިގައި ފުލުހުންގެ ޚާއްސަ ޓީމެއް މިހާރު ދަނީ އެރަށުގައި ތަޙްޤީޤު ކުރިއަށް ގެންދަމުންނެވެ. ފުލުހުން މި މައްސަލަ ބަލަމުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ. އަދި އެރަށަށް އަރާފައިބާ މީހުން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

