ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) ގެ ދ. ވާނީ ކެމްޕަހުގައި ކުރިއަށް ގެނަދިޔަ “އޯޕަން ވޯޓަރ ޑައިވް، އެޑްވާންސްޑް އޯޕަން ވޯޓަރ ޑައިވް، އީ.އެފް.އާރް ރެސްކިއު ޑައިވް، އަދި ފޮރެންސިކް ޑައިވަރ ކޯސް” ނިންމުމުގެ ރަސްމިއްޔާތު މިއަދު އެ ކެމްޕަހުގައި ބާއްވައިފިއެވެ. ހަތަރު ގައުމަކުން ބައިވެރިވި 10 ފުލުހުން ވެސް ވަނީ މި ކޯސް ކާމިޔާބީއާއެކު ފުރިހަމަ ކޮށްފައެވެ.
މި ކޯހުގައި 5 ދިވެހި ފުލުހުނާއި، ސައުދީ އަރަބިއްޔާ، ކެމްބޯޑިޔާ އަދި ސްރީ ލަންކާ ހިމެނޭ ގޮތަށް 5 ފުލުހުން ބައިވެރިވިއެވެ. 40 ދުވަހުގެ މި ތަމްރީނު ކޯސް ފަށައިފައިވަނީ 2025 ޖޫން 1 ވަނަ ދުވަހު އެވެ. ނިމިފައިވަނީ ޖުލައި 10 ވަނަ ދުވަހުއެވެ.
މޫދު އަޑީގައި ތަހުގީގު ހިންގުމުގެ ގާބިލުކަން އިތުރުކޮށް، ފޮރެންސިކް ޑައިވިންގ އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އަދި އަމަލީ ހުނަރުތަކުން އޮފިސަރުންނަށް ތަމްރީނު ދިނުމަށް ކުރިއަށްގެންދިޔަ މި ކޯހުގައި، ތިން އިންސްޓްރަކްޓަރުން ކިޔަވައިދީފައިވާއިރު، އެހީތެރިވުމަށް ސަލާމަތީ ސުޕަވައިޒަރެއް ވެސް ހަރަކާތްތެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ.
ރަސްމިއްޔާތު ފެށިގެން ދިޔައީ ކީރިތި ޤުރުއާނަށްފަހު، އެން.ސީ.ޕީ.އެލް.އީ ގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޢަބްދުއްރަޙްމާން މަރުޙަބާ ދަންނަވައި ދެއްކެވި ވާހަކަ ފުޅުންނެވެ. ރަސްމިއްޔާތުގެ ބައިވެރިންނަށް ތަމްރީނު ކޯހުގެ މުހިންމު އުސްއަލިތައް ހިމެނޭ ކުރު ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ދައްކާލާފައިވެއެވެ.
ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރުންނަށާއި، ކޯހުގެ ކަންކަން ފަހިކޮށްދެއްވުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓާއި ބެޖް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. އެހެނިހެން ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އަހުމަދު ޢަބްދުއްރަޙްމާނާއި، ޗީފް އިންސްޕެކްޓަރ ސައީދު ޢަބްދުލް ޙަކީމެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވާހަކަފުޅު ދައްކަވަމުން، ކޯސް ނިންމި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ، ފޮރެންސިކް ޑައިވިންގ ފަދަ ފުލުހުންގެ ހާއްސަ ހުނަރުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތު ނިންމާލާފައިވަނީ ޝަރަފުވެރި މެހެމާނާއެކު ގްރޫޕް ފޮޓޯއެއް ނެގުމަށްފަހުގައެވެ.

