ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލްގެ މަގުގައި ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލާއެކު އެއާޕޯޓަށް ވަނުމަށް މިހާރު ބޭނުންކުރާ ބޭރު މަގުގެ ބަދަލުގައި އެއާޕޯޓަށް ވަދެ ނުކުތުމަށް ބޭނުން ކުރަން ޖެހޭނީ އައު ޓާމިނަލްގެ ކުރިމައްޗަށް އޮންނަ މަގެވެ. އަދި ޓެކްސީ ކިޔު ޕެސެންޖަރ ވޯކްވޭގެ ނިމޭ ހިސާބަށް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު، ޓެކްސީ ޑްރޮޕް-އޮފް ޕޮއިންޓާއި އެމްޓީސީސީގެ ބަސް ނައްޓާލާނީވެސް އަދި މަޑުކުރާނީ ވެސް މި ސަރަހައްދުންނެވެ. މި ބަދަލުތައް އިއްޔެއިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ގެނެސްފައިވާއިރު، ވީ ޔޫ ޓާން ނެގޭނީ ހަމައެކަނި ޕޮލިސް ޗެކްޕޮއިންޓް ސަރަހައްދުން ކަމަށް އެމްއޭސީއެލް އިން ވަނީ ވިދާޅުވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލްއިން މިހާރު ވަމުން އަންނައިރު، މި ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 60 މިނިވަން ދުވަސް ކަމަށްވާ މިމަހުގެ 26 ވަނަ ދުވަހުއެވެ.

