ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ދުވާފަރު ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 7ވަނަ ދުވަހާއި 9ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި ދެ އޮޕަރޭޝަނުގެ ތެރެއިން، މިމަހު 9ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު ފިނިރޯޅި، 31 އަހަރުގެ އާދަމް އިބްރާހީމް އާއި ރ. ދުވާފަރު، މަރިޔާދުގެ، 37 އަހަރުގެ އިބްރާހީމް ސިނާން އާއި ރ. ކަނދޮޅުދޫ، 51 އަހަރުގެ ސަކީނާމަންޒިލް، ޢަބްދުﷲ އާދަމްއެވެ.
މިމަހު 7ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު، ވިލާ 25 އަހަރުގެ ޢަބްދުﷲ ޝާއިފްއެވެ.
މި ހަތަރު މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅުތަކެއް ފެނިފައިވެއެވެ.
މި ހަތަރު މީހުން 30 ދުވަހަށް ބަންދުކޮށްފަވާއިރު ދުވާފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

