ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އައްޑޫ ސިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ރަސްމީކޮށް ސޮއިކުރެވިއްޖެއެވެ.
މި ފެސިލިޓީގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ޒޯނުގައި ހިމެނޭ ރަށްތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާކުރުމަށްޓަކައި، ކުނިމެނޭޖުކުރުމާއި ގުޅޭ ޤަވާޢިދުތަކާ އެއްގޮތް، އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ޙައްލު ފޯރުކޮށްދިނުމެވެ.
މި ފެސިލިޓީގެ ސަބަބުން ޙާޞިލުވާނެ ނަތީޖާތަކުގެ ތެރޭގައި:
- ނުރައްކާތެރި ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުން
- ޢާންމު ޞިއްޙަތު ރައްކާތެރިކުރުން
- ޤައުމީ ކުނި މެނޭޖްކުރުމުގެ ސްޓްރެޓެޖީއާ އެއްގޮތަށް ޢަމަލުކުރުން
- ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބޭސަލް އަދި ސްޓޮކްހޯމް މުޢާހަދާތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން
- ދެމެހެއްޓެނިވި ގޮތެއްގައި ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ޤާއިމުކުރުމަށް މަގުފަހިކޮށްދިނުން
މި އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޖުތަބާ ޖަލީލެވެ.
މި މަރުކަޒަކީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ މިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން، ޖެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިފައިވާ ވަސީލަތެކެވެ.

އައްޑޫ ސިޓީގަ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓު ވެމްކޯއާ ޙަވާލު ކުރުމުގެ ރަސްމީޔާތުގެ ތެރެއިން
މި މަރުކަޒު ޤާއިމުކުރެވިފައިވަނީ އައްޑޫ ސިޓީ ހިމެނޭ ދެކުނު ޒޯނުގެ ރަށްތަކުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާތެރިކަމާއެކު ގުދަންކުރުމަށް ޚާއްޞަކޮށެވެ. މީގެ ތެރޭގައި ޞިނާޢީ ހަރަކާތްތަކުން އުފެދޭ ކުނި، ސްކޫލްތަކުގެ ލެބޯރެޓަރީތަކުން އުކާލެވޭ ކެމިކަލްތައް، އިންޖީނުތަކުން އުފެދޭ ތެޔޮ އަދި އުކާލާ ބެޓެރީތައް ފަދަ ތިމާވެށްޓަށް ގެއްލުންދެނިވި ނުރައްކާތެރި ބާވަތްތަކުގެ ކުނި ހިމެނެއެވެ.
ދިވެހިރާއްޖޭގައި އުފެދޭ ނުރައްކާތެރި ކުނީގެ މިންވަރު މަދުކަމުން، ރާއްޖޭގައި ނުރައްކާތެރި ކުނި ނައްތާލުމުގެ މަރުކަޒެއް ޤާއިމުކުރުމަކީ ޓެކްނިކަލީ އަދި އިޤްތިޞާދީގޮތުން ވެސް ދެކޮޅުޖެހޭނެ ކަމެއް ނޫނެވެ. އެހެންކަމުން، މި މަރުކަޒު ފަރުމާކުރެވިފައިވަނީ ވަގުތީކޮށް ކުނި ރައްކާކުރާ މަރުކަޒެއްގެ ގޮތުގޮތުގައެވެ. މިގޮތުން، ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު އެއްކޮށް، ވަކިކޮށް، ވަގުތީގޮތުން އައް ޑޫގައި ޤާއިމުކުރެވުނު މި މަރުކަޒުގައި ރައްކާކުރެވޭނެއެވެ. މިގޮތަށް ރައްކާކުރެވޭ ކުނި ބޭސަލް ކޮންވެންޝަން ފަދަ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ރިސައިކަލްކުރުމަށް ނުވަތަ ނައްތާލުމަށް ރާއްޖެއިން ބޭރަށް ގެންދެވޭނެއެވެ.
މި މަރުކަޒު ހިންގުމަށާއި މިފަދަ ކުނި ރައްކާތެރިކަމާއެކު ގެންގުޅުމަށްޓަކައި، މަރުކަޒު ހިންގުމުގެ އުޞޫލުތައް ހިމެނޭ ސްޓޭންޑަރޑޑް އޮޕަރޭޝަންސް ޕްރޮސީޖަރ (އެސްއޯޕީ) އެއް ވެސް އެކުލަވާލެވިފައިވެއެވެ. މި އުޞޫލުތަކުގައި އެކި ބާވަތުގެ ކުނި ގެންގުޅުމުގެ ގޮތްތަކާއި، ޕެކޭޖްކުރާނެ ގޮތްތަކާއި، ރައްކާތެރިކަމާއެކު އުފުލުމުގެ މިންގަނޑުތައް ހިމެނެއެވެ.

އައްޑޫ ސިޓީގަ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓު ވެމްކޯއާ ޙަވާލު ކުރުމުގެ ރަސްމީޔާތުގެ ތެރެއިން
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، އައްޑޫ އިންޓަރިމް ހަޒާޑަސް ވޭސްޓް އެންޑް ކެމިކަލްސް ސްޓޯރޭޖް ފެސިލިޓީ ހިންގުމުގައި ހަރަކާތްތެރިވާނެ ވެމްކޯގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގޭނެއެވެ. މިއީ މި މަރުކަޒު ރައްކާތެރިކަމާއެކު ހިންގުމަށާއި ބެލެހެއްޓުމަށް އެހީތެރިވުމަށްޓަކައެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ މި މަރުކަޒު ހިންގުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ފޯރުކޮށްދީފައެވެ.

