އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު އެރަށު އޯކިޑުމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނައުމަށް ނިންމައިފިއެވެ.
ފުލުހުން ބުނީ ތަހުޤީޤަށް ބޭނުންވާ ތަޙުލީލުތައް ހެދުމަށް އަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ތަޙުޤީޤުން ނިންމާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ހަމަލާދިނީ އޭނާ ނިދާފައި އޮއްވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 1:50 ހާއިރު ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަބްދުއްރަހުމާން މަރުވީ ރޭ މެންދަމު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އޭނަ އަށް ދިން ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ބޮލަށެވެ.
މި މައްސަލައާ ގުޅިގެން ރަށަށް އަރާ ފައިބާ މީހުން މޮނީޓާ ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މުޅިރަށް އޮތީ ފުލުހުން “ކޯޑޮން” ކޮށްފައެވެ.
އަބްދުއްރަހުމާން އަށް މީހަކު ހަމަލާދިންއިރު، އޭނާގެ އަންހެނުން އޭރު ވަނީ އެހެން ކޮޓަރިއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މާޅޮހު މީހުން ބުނާގޮތުގައި މަސްވެރިކަން ކުރަމުންދިޔަ އަބްދުއްރަހުމާނަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ މީހެކެވެ.

