ސްކޭމްގެ ތަފާތު 12 މައްސަލައެއްގައި ހިމެނޭ މީހަކު އާންމުންގެ އެހީތެރިކަމާއެކު ހޯދައި ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ރަބީޢު / މާލެ، ސާއިފް އަޙްމަދު ދީދީ (30އ) ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސްތަކުގެ މަތިން މީސް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބައެއްގެ އަތުން 30،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި އާންމުންގެ އެހީތެރިކަމާއެކު އޭނާ ހޯދައި، ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހުޅުމާލެ ފޭސް 2 އަކުން ކަމަށާއި އޭނާއަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ މައްސަލައިގައި މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ، ކުށުގެ ރިކޯޑް އޮންނަ މީހެއްކަމަށެވެ.
މި މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
މި މައްސަލަތައް އެންޓި ސްކޭމް ސެންޓަރުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

