ގދ. ނަޑެއްލާ އާ ބަނދަރު ހެދުމުގެ މަސައްކަތް ހެވީ ފޯސް އާ ހަވާލުކޮށް މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.
މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 82،080 ކޮޑި މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުމާއި 19،600 ކޮޑި މީޓަރު ވެލި އައު ނެރުން ކޮނުމާއި 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުމާއި 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުމުގެ އިތުރުން 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 450 ދުވަހުން ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއުގެ އަގަކީ 78.6 މިލިއަން ރުފިޔާއެވެ.

