ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަގާމުގައި ހުންނެވި ނިޢުމަތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޓީއަށް ފޮނުވުމުން އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ނިޢުމަތު ޝަފީގު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު 23 ޖުލައި 2020ގައެވެ. މިއީ 5 އަހަރުގެ ދައުރަކަށްވާއިރު މި މަހުގެ 23 ވަނަ ދުވަހު ނިޢުމަތުގެ މަޤާމުގެ މުއްދަތު ހަމަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނިޢުމަތުގެ މަގާމުގެ މުއްދަތު އިތުރު 5 އަހަރުގެ މުއްދަތަކަށް އިތުރުކުރެއްވުމަށް ހުށަހަޅުއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވާފައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމުގައި ހުންނަ މީހަކަށް 35000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ފާސްކޮށްފައިވާއިރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 25000 ރުފިޔާއެވެ. އަދި އެލަވަންސް ގޮތުގައި ކަނޑައަޅާފައިވަނީ 10000 ރުފިޔާއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ބާރުއެޅުމަކީ ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަސްއޫލިއްޔަތަކަށްވާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް އަމަލުކުރާކަން ބަލާ އެގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަކީވެސް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމުގެ މަސްއޫލިއްޔަތެކެވެ.

