ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެތައް ލައްކަ ރުފިޔާއެއްގެ މުދާ ނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ދެ މީހަކު ދޫކޮށްލައިފިއެވެ.
މި މައްސަލާގައި ތުހުމަތުކުރެވެނީ 28 އަހަރުގެ ޒައިދާން މުޙައްމަދު ހާޝިމާއި ބަންގްލަދޭޝްގެ 30 އަހަރުގެ ރައްޔިތެއްކަމަށްވާ އަފްރިން އަކްތަރުގެ މައްޗަށެވެ.
މި ދެ މީހުންނަކީ ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރުމުގެ އެތައް ތުހުމަތެއްކުރެވޭ ދެ މީހުންނެވެ. އެއީ، ދެމަފިރިންނެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގައި ހިމެނޭ 80،000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ މިހާރު ވަނީ އަނބުރާ ވެރިފަރާތްތަކަށް ހޯދައިދީފައެވެ. މި ފައިސާއަކީ ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ނަގާފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާއެވެ.
ފުލުހުން ބުނީ ފޭކު ސްލިޕް ފޮނުވައިގެން މި އަހަރުގެ މެއި މަހުގެ އެކި ދުވަސް މަތިން ހުޅުމާލޭގައި ހުންނަ ފިހާރައަކުން މީހަކު އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ މުދާ ގަތުމާ ގުޅިގެން ހުށައަޅާފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ތަޙުޤީޤުގައި ބެލި ބެލުމުން މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް އިތުރު ފިހާރަތަކަކުންވެސް މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތައް އޮޅުވާލައިގެން މުދާ ގަނެފައިވާކަން އެނގިފައިވާ ކަމަށާއި، މި މައްސަލައިގައި ތުހުމަތުކުރެވޭ ޒައިދާން މުޙައްމަދު ހާޝިމް ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ 2 އެޕާޓްމަންޓަކަށް، ފޭކު ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރިއިރު، މައްސަލައިގެ ތަޙުޤީޤާ ގުޅުންހުރި ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ޒައިދާނާއި އޭނާގެ ބަންގްލަދޭޝް ބައިވެރިޔާ ހައްޔަރުކުރީ މިދިޔަ މަހު 17 ގައެވެ. އެ ފަހަރު ޒައިދާން 15 ދުވަހަށް އަދި އަފްރިން ފަސް ދުވަހަށް ބަންދުކުރިއެވެ. އެކަމަކު، ފުލުހުން ބުނީ، ދެ މީހުން ބަންދުގައި ބައިތިއްބަން ނުފެންނާތީ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ވެސް ދަނީ ކުރިއަށެވެ.

