މިއަދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ގޭގެ ކޮޓަރި ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު 10:10 ހާއިރު އިމަރޖެންސީކޮށް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހާ ވަނީ ހޮސްޕިޓަލުގައި ނިޔާވެފައެވެ.
ނިޔާވެފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހަކީ މއ. ސައިނޯސަރު، މުޙައްމަދު ރަޝީދު (43 އ) އެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި މުޙައްމަދު ރަޝީދުގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ގޭގެ ކޮޓަރި ތެރޭގައި ވެއްޓިފައި އޮއްވާ ފެނުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

