މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ތ. ގުރައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި ޖުލައި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ، ރާގެ، އުމުރުން 28 އަހަރުގެ ރާއިދު މުޙައްމަދުއެވެ. މީނާ ހާއްޔަރުކޮށްފައިވަނީ ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.

އެ ރަށު ބަނދަރު ސަރަހައްދުން ރާއިދު މުޙައްމަދު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 14 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ގުރައިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

