ތައުލީމީ ދާއިރާއިން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ ތައުލީމީ ވަޒީރާއި ސަފީރުގެ ފުރަތަމަ ބައްދަލުވުމެއްގެ ގޮތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ސައުދީ ގުޅިގެން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ސައުދީ ސަފީރު ވަނީ ދާދިފަހުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ވެސް ބައްދަލުކުރައްވައި، ދެ ގައުމު ގުޅިގެން ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމާ ގުޅޭގޮތުން ވެސް މަޝަވަރާކުރައްވާފައެވެ.
ސައުދީން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށާއި އެހެނިހެން އެކި ދާއިރާތަކަށް މާލީ އެހީތެރިކަން ވެސް ދަނީ ފޯރުކޮށްދެމުންނެވެ.
ރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ މާޗް 17، 1981 ގައެވެ.

