ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ސްޓޫޑެންޓް ޑެބިޓް ކާޑުން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން ހާއްސަ ޑިސްކައުންޓެއް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ. މިގޮތުން އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކުން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
ބީއެމްއެލްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކާޑަކީ ކުޑަކުދިންނަށް ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކާޑެކެވެ. އަދި މި ކާޑު މެދުވެރިކޮށް ކުދިންގެ ކުދި ކުދި ޚަރަދުތައް ކުރުމުން، ބަޖެޓިންގ ފަދަ މުހިންމު މާލީ ކޮންސެޕްޓްތައް ދަސްވާނެކަމަށް ބޭންކުން ފާހަގަކުރެއެވެ.
މި ކާޑު ފަރުމާކޮށްފައިވަނީ ދެ އުމުރުފުރައަކަށް ބަހާލައިގެން، ދެ ޑިޒައިނަކަށެވެ. އެއީ 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށާއި، 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. އަދި ދަރިވަރުން މި ކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު، އަހަރު ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.
ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެއެވެ. އަދި ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެއެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބޭންކުން މަޢުލޫމާތު ދެއެވެ. މި ކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެ އިރު، މަހަކު 100 ޔޫއެސް ޑޮލަރުގެ ލިމިޓެއް ކަނޑައެޅިފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް، ރަޖިސްޓްރީކޮށް ލިޔެކިޔުންތައް ހުށަހެޅުމުން މަހަކު 1,200 ޔޫއެސް ޑޮލަރުގެ ބޭރު ފައިސާގެ މުޢާމަލާތްތަކުގެ ލިމިޓް ކަނޑައެޅިފައިވެއެވެ. ބެލެނިވެރިންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހެޅޭނެއެވެ.

