މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި އެކަނިވެސް 1،101 އެކްސިޑެންޓް ހިނގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މާލެއާއި ސިނަމާލެ ބްރިޖް އަދި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތަފާސްހިސާބެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލޭގައި 911 އެކްސިޑެންޓް ހިނގާފައިވާއިރު، ސިނަމާލެ ބްރިޖްއާއި ހައިވޭގައި 190 އެކްސިޑެންޓް ހިނގާފައިވެއެވެ. މި އެކްސިޑެންޓްތަކުގައި 1،107 އުޅަނދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، 61 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.
އެކްސިޑެންޓްތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެން ހިނގާ އެކްސިޑެންޓްތަކެވެ. މިގޮތުން 295 އެކްސިޑެންޓް ހިނގާފައިވާއިރު، ސައިކަލާއި ސައިކަލު ޖެހިގެން 267 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި ކާރާއި ކާރު ޖެހިގެން 89 އެކްސިޑެންޓް ހިނގާފައިވެއެވެ. މީގެއިތުރުން އެކްސިޑެންޓެއް ވުމުން މަޑުނުކޮށް ދިއުމުގެ 91 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ.
އެކްސިޑެންޓްތައް ހިނގާ ވަގުތުތަކަށް ބަލާއިރު، 68 ޕަސެންޓް (745) އެކްސިޑެންޓް ހިނގަނީ ދުވާލުގެ ވަގުތުތަކުގައެވެ. އަދި 32 ޕަސެންޓް (356) އެކްސިޑެންޓް ހިނގަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ (215) އަދި މެއި (207) މަހުގައެވެ.
ފަހަކަށްއައިސް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، މަގުތައް ރައްކާތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް ދުވެލި މަޑުކުރުމަށާއި، މަގުމަތީގެ ޤަވާއިދުތަކަށް ވެހިކަލް ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެ އުޅޭ ފަރާތްތައްވެސް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ގޮވާލައްވާފައިވެއެވެ.

