އަރިއަތޮޅު ދެކުނުބުރީ މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު 4 ކުދިންގެ ތެރެއިން 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތިގައ މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު (14 ޖުލައި 2025) ރޭ 19:00 އެހައިކަށްހާއިރުއެވެ. ގެއްލުނު ކުއްޖާއަކީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި ވަގުތު ކުއްޖާ ހޯދުމުގެ މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ރަށު ރައްޔިތުން ވެސް ބައިވެރިވެ އެހީތެރިވަމުން ދެއެވެ.
ފުލުހުންގެ ފަރާތުން އިތުރު މައުލޫމާތު ލިބުމުން އަންގައިދޭނެ ކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައިގައި އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 119 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައިވެއެވެ.

