ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 59 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
82 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ކޮންކްރީޓް ބްރިޖު ހަރުކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 28،836 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 63،711 ކިއުބިކް މީޓަރަށް އާ ބަނދަރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން، 4،414 ކިއުބިކް މީޓަރަށް ނެރު ފުންކުރުމާއި، 31 މީޓަރުގެ ބޭރުތޮށި ޖެހުމާއި، ސޭންޑްފިލް ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން 64 މީޓަރުގެ ރިވެޓްމެންޓާއި، 700 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް އަދި 374 މީޓަރުގެ އެއްގަމު ތޮށި ޖަހާނެއެވެ. އަދި 367 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުމާއި، 73 މޫރިންގ ރިންގް އަދި 10 މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މީގެ އިތުރުން، އެކްސެސް ޕްލެޓްފޯމް އެޅުމާއި، ކޮންކްރީޓް ބްރިޖަކާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 33 މަގުބައްތި ހަރުކުރުމާއި، 1،869 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 600 ދުވަހުގެ މުއްދަތެވެ.

