ކެންސަރު ބައްޔަށް ޚާއްސަ ހޮސްޕިޓަލެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް އެ ހޮސްޕިޓަލް ޤާއިމުކުރައްވާނެ ކަމަށް ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބޭއްވި “އަހާ” ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ނާޒިމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުން އަބަދުވެސް ބަލައިގަންނަ ކަމަށެވެ. އަދި ކެންސަރު ހޮސްޕިޓަލެއްގެ ވާހަކަ ދެކެވޭތާ 10 އަހަރުވެ، އެކަން ހަޤީޤަތަކަށް ނުވެ އޮތުމަކީ ރައްޔިތުން ކަންބޮޑުވާނެ ކަމެއްކަން ޤަބޫލުކުރައްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން، ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މަޝްރޫޢުގެ ޓެކްނިކަލް ފީސިބިލިޓީ ދިރާސާއާއި ކޮންސެޕްޓް ވެސް ވަނީ އެކުލަވާލާފައި ކަމަށް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެ ވަޢުދު ފުރިހަމަކޮށްދޭނެ،” މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ވާތީ، އެ ބައްޔަށް ޢާންމުން ހޭލުންތެރި ކުރުވުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެ މަސައްކަތް ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކެންސަރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެތައް ފަހަރެއްގެ މަތީން ތާރީޚުތައް ދިން ނަމަވެސް، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައީ ހުޅުމާލެ ނޫނީ ގަމުގައި އެ ހޮސްޕިޓަލް އަޅާނެ ކަމަށް ބުނުން ފިޔަވާ އިތުރު ކަމެއް ނުކޮށެވެ.

