ރާއްޖޭގެ ފަންނުވެރިކަން ކުރިއަރުވައި، ދިވެހި ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަ މަހުން ފެށިގެން ހިނގާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ “އަހާ” ފޯރަމްގެ ހަ ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްވާޑު ވިދާޅުވީ، ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ނިންމަވާފައިވާ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި މި މަސައްކަތަކީ ރާއްޖޭގެ ފަންނާނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ފަންނުވެރިކަން ދިރުވައި އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިކަމަށް ބޭނުންވާ އުސޫލުތައް މިހާރު އެކުލަވާލާފައިވާ ކަމަށާއި، އެ އުސޫލުތައް އެކުލަވާލުމުގައި ފަންނުވެރިންގެ ލަފަޔާއި ހިޔާލު ހޯދާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. “ފަންނާނުންނާއި ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ މިވަނީ ނިންމާފައި 25 މިލިޔަން ރުފިޔާ. އޭގެ ފުރަތަމަ ބެޗު އަޅުގަނޑުމެން ފަށާނަން، އުއްމީދަކީ އޮގަސްޓުގައި އެކަން ފެށުން. އެކަމަށް އުސޫލު އަޅުގަނޑުމެންނަށް ތަައްޔާރުވެވިއްޖެ،” އަސްވާޑު ވިދާޅުވިއެވެ.
މާލީ އެހީތެރިކަން ހޯދުމަށް އެދޭ ފަންނުވެރިންނަށް ހާއްސަ ޕޯޓަލެއް މެދުވެރިކޮށް އެކަމަށް އެދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، މިހާރު އެ ޕޯޓަލް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ފަންނުވެރިންނަށް ހާއްސަކޮށްގެން ހަދާ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ބީސީސީއާ ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށްދާއިރު، މި އަހަރު މިތަން ހުޅުވައި ފަންނުވެރިންނަށް ބޭނުންކުރުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް އަސްވާޑު ވިދާޅުވިއެވެ.

