ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީ ކުރަމުން އަންނަ 4،000 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކާއެކު އަންނަ ހަފްތާގައި އެއްބަސްވުމުގައި ސޮއިކުރަން ފެށޭނެ ކަމަށް އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
މިކަން ވަޒީރު ހާމަކުރެއްވީ މިރޭ ބޭއްވި “އަހާ” ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ 4،000 ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުން ޤާއިމުކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން އެކަން ކުރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުން ކަމުގައެވެ.
މި މަސައްކަތް ކުރުމަށް ޚާއްސަ ތަނެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. “އަޅުގަނޑަށް ވަރަށް ޔަގީން ކުރެވޭ އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގައި ސޮއިކުރަން ފެށޭނެ ކަމަށް،” ވަޒީރު ވިދާޅުވިއެވެ.
ފްލެޓްތައް ހަވާލުކުރުން އަވަސްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފެނާއި ކަރަންޓާއި ނަރުދަމާ އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައި ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

