ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ މީހުންނަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހެލްޕްލައިން ގިނަ ބަޔަކު ބޭނުންކުރަމުންދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ “އަހާ” ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލިތަކުގެ ދާއިރާއަކީ ސިއްހީ ދާއިރާގެ ކުރިއެރުވުމުގައި ސަމާލުކަންދޭންޖެހޭ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން ކުރި އެންމެ މުހިންމު އެއް ކަމަކީ 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ނާޒިމު ފާހަގަކުރެއްވި ގޮތުގައި ހެލްޕްލައިން މެދުވެރިކޮށް ސިއްހީ ހިދުމަތް ދޭ މަރުކަޒަކަށް ވާސިލުވުމުގެ ކުރިން ލިބެންޖެހޭ އެހީތެރިކަން ފޯރުކޮށްދެވޭ ކަމަށާއި، އެފަދަ މަރުކަޒަކަށް ދިއުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހާލަތު ސީރިއަސްނަމަ ޑޮކްޓަރެއްގެ އެޕޮއިންޓުމެންޓު ހަމަޖައްސައިދިނުމުގެ ހިދުމަތްވެސް ލިބެއެވެ.
މި ދާއިރާގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަރުވާ ހޯދުމަށް ޖެހެންޖެހޭ ކިއުގެ ދިގުކަން ކަމަށް ފާހަގަކުރައްވައި، މިކަމަށް ހައްލު ހޯދުމަށް ނިޒާމީ ބަދަލުތަކެއް ގެނެސް، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ މީހުންނަށް ކިއުގެ ބޭރުން ވަގުތުން ފަރުވާ ލިބޭނެ ނިޒާމެއް ހަމަޖެއްސުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމަކީ ސަރުކާރުގެ ވިސްނުމުގައި އޮތް ކަމެއް ކަމަށާއި، މި ދާއިރާ އިތުރަށް ތަރައްގީކުރުމަށް ދުރު ރާސްތާ ޕްލޭނެއްގެ ދަށުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

