ފިކުރީ މުދާ ރައްކާތެރިކުރުމަށް އޮފީހެއް ގާއިމްކުރުމަށް “މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލެއް” ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކޮށް އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރުން ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެ ބިލުގެ ދަށުން ރައްކާކުރެވޭ ފިކުރީ މުދަލަކީ ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތުގެ ފިކުރީ މުދާކަމަށާއި އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރީއަލް ޑިޒައިން އާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ. ޕްރޮޕަޓީ އޮފީހުގެ ބާރުތައް ވެސް މި ބިލުގައި ހިމެނޭއިރު، މީގެ ތެރޭގައި ފިކުރީ މުދަލުގެ ރަޖިސްޓްރީއެއް ހެދުމާއި ރަޖިސްޓަރީކުރާ ފިކުރީ މުދަލާބެހޭ ދަފުތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން ހިމެނެވެ.
އަދި ސަރަހައްދީ، ބައިނަލްއަގުވާމީ އިންޓެލެކްޗުއަލް ޕްރޮޕަޓީ ޖަމާއަތްތަކާއި ގުޅުން ބަދަލިކުރުމާއި އެ ޖަމާއަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުމާއި ފިކުރީ މުދަލާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވުމާ ގުޅޭ ކަންކަމާއި އެ މުއާހަދާތަކުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމަކީވެސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ޒިންމާއެއް ކަމަށް ބިލްގައިވެއެވެ.
މި އޮފީސް ހިންގާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ދަށުން ކަމަށާއި މި އޮފީހުގެ ކަންކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ އިކޮނޮމިކް މިނިސްޓަރ ކަމަށްވެސް ބިލުގައި ވެއެވެ.

