ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި ޗައިނާގެ ސަރުކާރާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިއަންހުއާއެވެ.
ދެ އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖެއަށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓުތައް ކޮންޓްރޯލްކުރުމެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ކާނާގެ ރައްކާތެރިކަމާއި ދަނޑުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް މުހިންމު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި މަޝްރޫޢު އެކުލަވާލެވިފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު "އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން" އާއި، މިއަހަރުގެ ޖަނަވަރީ 10 ވަނަ ދުވަހު ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު ސިޓީތަކުގެ މައްޗަށް ބިނާކޮށެވެ.
ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެއްޔަށް މުހިންމު ދައުރެއް އަދާކުރާ ރުއްގަސް ރައްކާތެރިކުރުމަށް މި މަޝްރޫޢުން މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

