މާލޭ މަގުމަތީގައި ތޫނު ހަތިޔާރުތަކެއް ހިފައިގެން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
މި ދެ މީހުންނަކީ ސ.މީދޫ، ވައިލެޓް ހައުސްގެ މުހައްމަދު ހައިކަލް އަބްދުﷲ (21 އަހަރު) އާއި ގދ.ހޯނޑެއްދޫ، ކެލާގެ، މުހައްމަދު އަރީފު (33 އަހަރު) އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އާންމު ތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، އަރީފުގެ އަތުން ކަނޑިއަކާއި ވަޅިއެއް ފެނިފައިވެއެވެ. އަދި އޭނާ ހުރި ދިމާލުން ބިންމައްޗަށް ވައްޓާލި ސާޖިކަލް ނައިފެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޯޓު އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އަރީފު މި ތަކެތި ގެންގުޅެންޖެހޭ އެކަށީގެންވާ ސަބަބެއް އޭނާއަށް ބުނެދެވިފައި ނުވެއެވެ. އެހެންނަމަވެސް، އޭނާއާއެކު ހައްޔަރުކުރެވުނު ހައިކަލް ބުނެފައިވަނީ އަރީފުގެ އަތުން ފެނުނު ތަކެއްޗާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާ އަރީފު ކައިރީ ހުރީ އަރީފު އަތުގައި ހުރި ތަކެތި ކަނޑަންދެން އަލިކޮށްދޭން އަރީފު އެދިގެން އެކަން ކޮށްދޭން ކަމަށް ހައިކަލް ބުނެފައިވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދެ މީހުންވެސް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއްވުމުގެ ފުރުސަތު އޮތްކަމަށް ފެންނާތީ، ދެ މީހުންވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށެވެ.
މި ދެމީހުން ހައްޔަރުކުރެވިފައި މިވަނީ، މާލޭގައި ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ފުލުހުން ވަނީ މިފަދަ މައްސަލަތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ބުނެފައެވެ.

