ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަޝްރޫއުގައި ކުރީގެ ދެ ރައީސުންގެ ސަރުކާރުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެތަނުގެ މިހާރުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަފްސީލުކޮށް ހާމަކުރައްވާފައެވެ.
"ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި އެއާޕޯޓްގެ ތަރައްގީއަށް އެކި ދުވަސްވަރު، އެކި ވެރިން ގެނެސްދެއްވި ކުރިއެރުންތަކުގެ ހައްގު ތައުރީފު އެ ބޭފުޅުންނަށް ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، ޓްރާންސިޝަން މަރުހަލާގައި އެންމެ ފުރަތަމަ ބައްލަވާލެއްވީ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ގޮތެވެ. އޭރު އިމާރާތުގެ އޮނިގަނޑު ނިމިފައި ހުރި ނަމަވެސް، މުހިންމު ގިނަ މަސައްކަތްތަކެއް ނުނިމި އަދި ބައެއް މަސައްކަތްތައް ނުފަށާ އޮތް ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ޓާމިނަލްގެ އެތެރޭގެ ގިނަ މަސައްކަތްތައް ހުރީ ނުނިމިއެވެ. އޭގެ ތެރޭގައި ޓާމިނަލްއަށް ދިއުމަށް އޮންނަ މަގު ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި ޓާމިނަލްގައި ކޮންމެހެން ހުންނަންޖެހޭ ޑިއުޓީ ފްރީ ފިހާރަތަކާއި ކޮމާޝަލް އޭރިއާގެ މަސައްކަތްވެސް އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ނުވާކަން ފާހަގަކުރެއްވިއެވެ.
"ޓާމިނަލް ޕްރޮޖެކްޓްގެ 54 ޕަސެންޓް އެއިރު ނިމިފައި އޮތީ. ޓާމިނަލް ނިމުނަކަސް ތަން ބޭނުމެއް ނުކުރެވޭ މަގު ހެދިފައި ނެތިއްޔަކާ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

