އދ. މާމިގިލި ކައިރިއަށް ފީނަން ފޭބި 15 އަހަރުގެ ލޫތު އަހްމަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހިތާމަ ފާޅުކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިހުސާސްތަކެއް ކުރުވި ހިތްދަތި ހަބަރެއް ކަމަށެވެ. އަދި ލޫތު ބިން އަހްމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދިވަޑައިގެން، އެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުއާ ކުރައްވާފައިވެއެވެ.
ފުލުހުންގެ މައުލޫމާތު ދެއްވާ ގޮތުގައި، ލޫތު ފީނަން ގޮސްފައިވަނީ އިތުރު ތިން ކުދިންނާ އެކުގައެވެ. އެ ކުދިންނަކީ ބޯވަ ނަގަން މޫދަށް ފޭބި ކުދިންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. ލޫތު ގެއްލިގެން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދެއްވާ ގޮތުގައި، ލޫތުގެ ހަށިކޮޅު ފެނިފައިވަނީ ފީނަން ފޭބި ސަރަހައްދާ ކައިރިންނެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިއުމުން، އޭނާ ވަނީ ނިޔާވެފައި ކަމަށް އެ މަރުކަޒުން ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ރައްޔިތުން ވަނީ އާއިލާއަށް ތައުޒިޔާ ފާޅުކޮށްފައެވެ. އަދި ކުޑަކުދިން މޫދަށް ފޭބުމުގައި ސަމާލުވުމަށް ގިނަ ފަރާތްތަކުން ގޮވާލާފައިވެއެވެ.

