ލ. ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މިކަން ހާމަކުރަމުން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން އަސްފަލްޓް ބެޗިން ޕްލާންޓް މިހާރު ވަނީ ހަރުކޮށް ނިމިފައި ކަމަށެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމުގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށް ނިންމާފައި ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އެމްޓީސީސީން ދެއްވި މައުލޫމާތުގައި، މިވަގުތު ކާބް ސްޓޯންގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި، މުޅި މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް ބުނެފައިވެއެވެ.
53.9 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 27,179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 10,392 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ފޮނަދޫގެ މަގުތައް ތަރައްގީކުރުމުގެ މި މަޝްރޫޢު ނިމުމުން، އެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތް ތަނަވަސްވެގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

