ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރެވޭ ތައްޔާރީތަކާ ގުޅިގެން، ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ވަގުތީގޮތުން ޕާކުކުރުން މަނާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ނިންމައިފިއެވެ.
އެމް.އޭ.ސީ.އެލް އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، އިރުމަތީ ފަރާތު ޕާކިން ޒޯނުގައި 17 ޖުލައި 2025 އިން ފެށިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުން މަނާ ކުރެވޭނެ އެވެ. އަދި ހުޅަނގު ފަރާތު ޕާކިން ޒޯނުގައި 17 ޖުލައި 2025 ވާ ދުވަހުގެ ހަވީރު 6:00 ގެ ފަހުން އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުން މަނާ ކުރެވޭނެއެވެ.
މި ތާރީޚުތަކުގެ ކުރިން އެ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތްތަކުން އެ އުޅަނދުތައް ނެގުމަށް އެމް.އޭ.ސީ.އެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ތާރީޚުތަކަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސަސްއާ ގުޅިގެން އެ ޕާކިން ޒޯންތަކުން އުޅަނދުތައް ނެގޭނެ ކަމަށްވެސް ވަނީ އަންގާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ 26 ޖުލައި 2025 ގައެވެ. އަދި ޕާކިން ޒޯންތަކުގައި އަލުން ޕާކުކުރުމުގެ ހުއްދަ ދެވޭނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެމް.އޭ.ސީ.އެލް އިން ބުނެފައިވެއެވެ.
މި ބަދަލާ ގުޅިގެން ޕާކިން ޒޯންތަކުގައި ޕާކުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެމް.އޭ.ސީ.އެލް އިން ވަނީ މަޢާފަށް އެދިފައެވެ

