ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރ ޓާމިނަލް އާއެކު ރާއްޖެ އަންނަ ފަސިންޖަރުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެއާލައިންތަކުން ބުނެފިއެވެ.
26 ޖުލައި 2025 ގައި ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލްގެ ތައްޔާރީތަކުގެ ތެރެއިން އިއްޔެ ބޭއްވި ޓްރަޔަލްގައި، ފަސިންޖަރުންގެ ޗެކިން އިން ފެށިގެން ބޯޑިންގ އާ ހަމައަށް އަދި އެރައިވަލް ފަސިންޖަރުންގެ ޕްރޮސެސްތައް ކުރިއަށްދާނެ ގޮތުގެ ތަފްސީލީ ޓެސްޓުތަކެއް ވަނީ ކުރެވިފައެވެ.
“އެއާލައިންތަކުން އެންމެ ބޭނުންވާ ކަމަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ރާއްޖޭގައި ލިބުން،” އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން އަދި އިއްތިހާދު އެއާލައިންގެ އެއާޕޯޓް މެނޭޖަރު މުނާޒު އަލީ ވިދާޅުވިއެވެ. “އާ ޓާމިނަލް އާއެކު އެކަން ޙަޤީޤަތަކަށް ވެގެންދާނެ.”
ގަތަރު އެއާވޭސްގެ އެއާޕޯޓް ސާވިސް މެނޭޖަރު އަހުމަދު ނަހުޝަން ނިޒާރު ފާހަގަކުރެއްވި ގޮތުގައި އާ ޓާމިނަލް އާއެކު ރާއްޖެ އަންނަ ފަސިންޖަރުންނަށް ތަފާތު އައު ތަޖުރިބާއެއް ލިބިގެންދާނެއެވެ. މެލޭޝިއަން އެއާލައިންގެ ސްޓޭޝަން މެނޭޖަރު އަހުމަދު ހަނަމް ފާއިޒު ވިދާޅުވީ މި ޓާމިނަލްއަކީ ފުރިހަމަ، ރީތި އަދި ފަސިންޖަރުންނާ ރަހުމަތްތެރި، ޒަމާނީ ޓާމިނަލްއަކަށް ވެގެންދާނެ ކަމަށެވެ.
އާ ޓާމިނަލްގެ ޓްރަޔަލްގައި ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކުންނާއި ޓްރެވެލް އޭޖެންޓުން ބައިވެރިވެފައިވާއިރު، ޓާމިނަލް ހުޅުވުމާއެކު ފަސިންޖަރުންނަށް ޒަމާނީ ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

