ދިރިއުޅުމުގެ އާދަތަކުގެ ތެރެއިން އެންމެ މުހިންމު އެއް އާދައަކީ ފެންވެރުމެވެ. ސާފު ފެނުން ފެންވަރާލުމުގެ އާދަ ކޮންމެ މީހެއްގެ ގައިގައިވެސް ހުންނާނެއެވެ، އެކަމަކު އާންމުކޮށް ގޭގެ ފާހާނާއިން އަންނަ އާދައިގެ ފެނުގެ ބަދަލުގައި ގޭގައި ހޫނުފެން ލިބޭނެ ޝަވަރެއް ނެތިއްޔާ ފެންކައްކައިގެން ވިޔަސް ހޫނު ފެނުން ނޫނީ ފެންވަރަން ބޭނުންނުވާ ބަޔަކުވެސް އުޅެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއްގަޑިއެއްގައި ހޫނު ފެނުން ފެންވަރާލުމުގެ އާދަ ހުންނަ މީހުންގެ މިއާދައިގެ ސަބަބުން އެމީހުންނަށް ލިބޭ ފައިދާތަކެއްވެސް އޮންނަކަން އެނގޭހެއްޔެވެ. ނިކަން ބަލާލަމާ ހިނގާށެވެ. އާދައިގެ ފެނުން ފެންވެރުމުގެ ބަދަލުގައި ހޫނުފެނުން ފެންވެެރުމަށް ފެންވަރައިގެން ނޫނީ ހިތްހަމަނުޖެހޭ މީހުންނާ ސުވާލުކޮށް އޭގެ ޖަވާބާއެކު ކަމާބެހޭ ސިއްހީ ލަފާދޭ ފަރާތެއްގެ އިރުޝާދުވެސް ލިބުނެވެ. އަސްތާ، ހޫނު ފެނުން ފެންވެރުމުގެ ފައިދާ ހަމަ ބޮޑީއެވެ.
ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅު ކުރުން: ހޫނުފެނުން ފެންވެރުމުން ލިބޭ އެންމެ މުހިންމު އެއް ފައިދާއަކީ ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުވުމެވެ. ހޫނުފެނުގެ ސަބަބުން ލޭ ހޮޅިތައް ފުޅާވެ، ލޭ ދައުރުވުން އިތުރުވެއެވެ. މިކަމުގެ ސަބަބުން މަސްތަކާއި ހުޅުތަކުގައި ހުންނަ ރިއްސުންތަކާއި ވޭންތައް ކުޑަވެ، ހަށިގަނޑަށް އަރާމު ލިބެއެވެ.
ނިދުމަށް ފަސޭހަ ކޮށްދިނުން: ނިދުމުގެ ދެ ގަޑިއިރު ކުރިން ހޫނުފެނުން ފެންވެރުމަކީ އަރާމުކޮށް ނިދުމަކަށް މަގުފަހިކޮށްދޭ ކަމެކެވެ. ހޫނުފެނުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ގޮސް، އަނެއްކާ ތިރިވާއިރު ހަށިގަނޑަށް ލިބޭ އަރާމާއެކު ރަނގަޅު ނިދުމަކަށް މަގުފަހިވެއެވެ. މިއީ ހާއްސަކޮށް ނިދުމުގެ މައްސަލަ ދިމާވާ ފަރާތްތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެކެވެ.
ހަމުގެ ސިއްހަތަށް ކުރާ ފައިދާ: ހޫނުފެނުން ފެންވެރުމުން ހަމުގެ ޕޯރްސްތައް ހުޅުވި، ހަމުގައި ހުންނަ ނަޖިސް ތަކެތި ނައްތާލުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން ބްލެކްހެޑްސްފަދަ އަދި މޫނުގައި ނަގާފައި ހުންނަ ބިހިތަށްފަދަ ހަމުގެ މައްސަލަތައް ކުޑަކުރުމަށް އެހީތެރިވެދެއެވެ. އަދި ހަމައެހެންމެ ހަމުގެ ދުޅަހެޔޮކަން އިތުރުކޮށް، ހަންގަނޑު ވަރުގަދަ ކޮށްދެއެވެ. އަދި ތާޒާކަންމަތީ އޮމާންކަމަތީ ދަމަހައްޓަދެއެވެ.
ނޭވާލާ ނިޒާމަށް ކުރާ ފައިދާ: ހޫނުފެނުން ފެންވެރުމުން އުފެދޭ އާވީގެ ސަބަބުން ނޭވާލާ ނިޒާމު ސާފުވެ، ނޭފަތުގެ ބުޑުގައި ޖަމާވެފައި ހުންނަ ތަކެތި ނައްތާލުމަށް އެހީތެރިވެދެއެވެ. މިއީ ހާއްސަކޮށް ހުން އައުމާއި ކެއްސުން ފަދަ މައްސަލަތަކަށް ވަރަށް ރަނގަޅު ގުދުރަތީ ފަރުވާއެކެވެ.
ނަފްސާނީ ދުޅަހެޔޮކަން: ހޫނުފެނުން ފެންވެރުމަކީ ނަފްސާނީ ގޮތުން ވަރަށް ބޮޑު އަރާމެއް ލިބޭ ކަމެކެވެ. ބުރަ މަސައްކަތުގެ ދުވަހަކަށްފަހު ނުވަތަ ނަފްސާނީ ގޮތުން ވަރުބަލިވެފައިވާ ވަގުތެއްގައި ހޫނުފެނުން ފެންވެރުމުން ހިތްހަމަޖެހުމާއި އަރާމު ލިބި، ސްޓްރެސް، ހާސްވުމާއިކަންބޮޑުވުން ދުރުކޮށް އަރާމު ލިއްބައިދެއެވެ.
ސަމާލުވާންވީ ކަންކަން: ނަމަވެސް، ހޫނުފެނުން ފެންވެރުމުގައި ބައެއް ކަންކަމަށް ސަމާލުވާން ޖެހެއެވެ. ހަމުގެ ބައެއް ބަލިތަކާއި ހިތުގެ ބައެއް މައްސަލަތައް ހުންނަ ފަރާތްތަކުން ޑޮކްޓަރުގެ ލަފާ ހޯދުން މުހިންމެވެ. އަދި ހަމައެހެންމެ ހޫނުފެނުން ފެންވެރުމުގެ ވަގުތު 15-20 މިނެޓަށްވުރެ އިތުރު ނުކުރުމަށް ސަމާލުވާންވާނެއެވެ.
ހޫނުފެނުން ފެންވެރުމަކީ ހަށިގަނޑުގެ ސިއްހަތަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. އެހެންކަމުން، ރަނގަޅު ގޮތުގައި މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

