މާލެއިން 30 އަހަރުގެ ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަމުންދަނީ ގަލޮޅު ގާރނެޓް، ޙަސަން ޔާމީނެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޙަސަން ޔާމީން ގެއްލިފައިވަނީ 2025 ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:25 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުންނެވެ. އޭގެފަހުން އާއިލާއަށް އެއްވެސް ޚަބަރެއް ލިބިފައެއް ނުވެއެވެ. މިއަދަށް މިއީ އާއިލާއަށް ހަބަރު ނުވާތާ 4 ދުވަހެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ ރޭ 20:30 އެހައިކަންހާއިރުއެވެ. އަދި އެހިސާބުން ފެށިގެން ފުލުހުން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުން ވަނީ ޙަސަން ޔާމީންއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިވަޑައިގަންނަވާ ފަރާތްތަކުން އެ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. މިގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.

