ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނަށް ދަޢުވަތު ދޭން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފި އެވެ.
އެމްއޭސީއެލްއިން މިކަން އިޢުލާނު ކުރީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތާ ގުޅިގެންނެވެ. މި ރަސްމިއްޔާތަށް ދަޢުވަތު ދެވޭނެ ކުރީގެ ރައީސުންގެ ތެރޭގައި މައުމޫން ޢަބްދުލްޤައްޔޫމް، މުޙައްމަދު ނަޝީދު، ޑރ. މުޙައްމަދު ވަޙީދު، ޢަބްދުﷲ ޔާމީން އަދި އިބްރާހިމް މުޙައްމަދު ސޯލިހް ހިމެނެއެވެ.
މިއަދު “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާ ޓާމިނަލް ޙަޤީޤަތަކަށް ހެދުމުގައި ކުރީގެ ރައީސުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތްތަކަށް އެ ބޭފުޅުންނަށް ކްރެޑިޓް ވެސް ދެއްވާ ކަމަށް ވިދާޅުވި އެވެ.
“އެއާޕޯޓްގެ ތަރައްޤީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ޙައްޤު ތަޢުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭ،” ރައީސް މުޢިއްޒު ވިދާޅުވި އެވެ.
އާ ޓާމިނަލްގެ މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް ވަރަށް މުހިންމު މަޝްރޫޢެއް ކަމަށްވެސް ބެލެވެ އެވެ.

