ކިންގް ސަލްމާނު މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުހާނާއަށް އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ފޮތްތައް ހަދިޔާ ކުރުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ، ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހަދިޔާ ކުރަން ބޭނުންވާ ފޮތްތަކާ ގުޅޭ މައުލޫމާތު library@islamicaffairs.gov.mv އަށް މެއިލް ކުރުމަށެވެ. އަދި ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ އިންތިޒާމު އެ ވުޒާރާގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގައި ގާއިމްކޮށްފައިވާ ޒަމާނީ އިސްލާމީ ކުތުބުހާނާ ރަސްމީކޮށް ހުޅުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ތަރައްގީކޮށްފައިވާ މި އިސްލާމީ ކުތުބުހާނާގައި 15،000 އަށްވުރެ ގިނަ ފޮތް ހިމެނެއެވެ.
މި ކުތުބުހާނާއަކީ އިސްލާމީ ޢިލްމު ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށާއި، އިސްލާމީ ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދޭނެ މުހިންމު ވަސީލަތެކެވެ. މި ކުތުބުހާނާ ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމާއި، މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައިވެސް ޒަމާނީ އިސްލާމީ ކުތުބުހާނާތައް ގާއިމްކުރުމަކީ ރައީސްގެ މުހިންމު ވައުދުފުޅެކެވެ.

