މާލޭގައި ޖުލައި 13 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ މި ޖުލައި 13 ވަނަ ދުވަހުގެ ރޭ 8:15 ހާއިރުއެވެ. ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އެކްސިޑެންޓްގެ ސަބަބުން އެއް ކުއްޖަކު ޕިކަޕްގެ ދަށަށް ވަދެފައިވެއެވެ.
މި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ކުއްޖާ ނިޔާވެފައިވާއިރު، އެ ސައިކަލުގެ ފަހަތުގައި އިން އުމުރުން 16 އަހަރުގެ ކުއްޖަކާއި، ކަފިހިހުރަސް މަތިން މަގު ހުރަސްކުރި 40 އަހަރުގެ މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، 40 އަހަރުގެ މީހާއަށް މިވަގުތު ފަރުވާދެމުން ދަނީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އަދި 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން ދަނީ ވޯޑުގައި ކަމަށް އެ އޮފިޝަލް ހާމަކުރެއްވިއެވެ.
މި މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

