ތިންވަނައީ : ޙަޤީޤަތުގައި މީސްތަކުންނަށް އެބައިމީހުންނަށް ދިމާވެފައިވާ އަދި ތަޙައްމަލު ކުރަމުންދާ ބަލިތަކާއި ވޭނާއި އަދި ދަތި ޙާލަތުގެ މައްޗަށް ފިކުރުކޮށްފިހިނދު އޭގައި ނުހަނު ގިނަވެގެންވާ އަޖުރާއި ހެޔޮކަމާއި ޘަވާބު ހުއްޓެވެ. އޭގައި އެތަކެއް ހެޔޮކަންތަކެއް އެކުލެވިގެންވެ އެވެ.
އޭގެ ތެރޭގައި :1. އަޅުތަކުން ދަންނަ އެވެ. ހަށިގަނޑަށް އަޅާ ކޮންމެ ވޭނެއް، އަދި ކޮންމެ ދަތިކަމެއް އެގޮތުން ކުޑަ ކަށްޓެއްގެ މިންވަރުންވެސް އަޅާއަށް އޭގެ ސަބަބުން އަޖުރާއި ޘަވާބު ނުލިބި ނުދާނެ އެވެ. ވީހިނދު، ކުޑަ ކައްޓެއްގެ މިންވަރު ހެރިގެން ހަށިގަނޑަށް އަޅާ ނުހަނު ކުޑަ ވޭނަށް އަޖުރާއި ޘާވާބު ލިބޭ ކަމުގައިވާނަމަ، ބަލިތަކާއި، ލޭއަޅާ ފަދަ ކުދިންނާއި އެހެނިހެން ޙާލުގައިވާ ފަރާތްތަކަށް ލިބޭނެ މަތިވެރި ޖަޒާއާ މެދުގައި ވިސްނާލުން ހުއްޓެވެ.
އެ ގޮތުން ބައްޔަކީ ފާފަތައް ފޮހެވި ދިއުމަށް އޮތް ވަޞީލަތެކެވެ. ފާފަ ފޮހެވި އިންސާނާއަށް އެކަމަށް އޮތް ފުރުސަތެއް ކަމުގައިވެ އެވެ. رَسُول الله صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ( إِنَّ اللهَ يبْتَلِي عَبدَه المُؤمن بِالسقَمِ حَتَّى يُكفِّر عَنهُ كُلّ ذَنب) ”ހަމަކަށަވަރުން މުއުމިނު އަޅާގެ ކިބައިން އެންމެހައި ފާފަތައް ފޮހެވިއްޖެއުމަށް ދާންދެން ބަލިތަކުން ﷲ ތަޢާލާ، އެ އަޅާ އިމްތިޙާނު ކުރައްވަ އެވެ.“ صَحِح الجَامع 1870އަދިވެސް އެހެން ޙަދީޘެއްގައިވެ އެވެ. حَكِيْم بن حِزَام ގެ ބޮޑުދައިތާފުޅު أُمُّ العَلاَء ވިދާޅުވި އެވެ. ތިމަން ކަމަނާ ބަލި ޙާލުކޮޅުގައިވަނިކޮށް رسولُ اللَّهِ صلى الله عليه وسلم ޒިޔާރަތް ކުރައްވައި އަދި ވިދާޅުވި އެވެ. أمَّ العلاءِ އެވެ! އުފާވެރިކަމުގެ (ޚަބަރު ލިބިގަތުން) ހުއްޓެވެ. ހަމަކަށަވަރުން މުސްލިމު އަޅާއަށް ކުރިމަތިވާ ބަލި ކަމަކީ އޭގެ ސަބަބުން ﷲ އޭނާގެ ކުށް ފާފަތައް ފުއްސަވާ ސަބަބެއް ކަމުގައިވެ އެވެ. އެއީ ރަނާއި ރިހި އަލިފާނަށް ލެވުމުން އޭގައިވާ ޚަބަޘް (ދަގުއި) ނެތިވެގެންދާ ފަދައިންނެވެ.“ رواه أبوداود 3092 الصحيحة (714)
އަޚާ އެވެ! މިއީ ކޮންފަދަ އަޛުރެއް ހެއްޔެވެ؟
الإِمَام العَلاَّمَة العُثَيْمِيْن -رحمه الله – ވިދާޅުވެފައިވެ އެވެ. ”އިންސާނެއްގެ ހަށިގަނޑަށް ކައްޓެއްހާ މިންވަރު ހެރުނު ކަމުގައިވީނަމަވެސް، އެ މުޞީބާތަށް ﷲ އޭނާއަށް އަޖުރު ދެއްވާނެކަމުގެ މައްޗަށް އޭނާ އުއްމީދުކުރުން ހުއްޓެވެ. އެގޮތުން އޭނާއަށް އަޖުރުލިބޭ ހުއްޓެވެ. މިއީ ﷲ سبحانه وتعالى ގެ ނިޢުމަތްތަކުގެ ތެރެއިން ހިމެނިގެންވާ އަދި ދީލަތިވަންތަ ކަމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެގޮތުން މުއުމިނު އަޅާއަށް ބަލާވެރިކަމެއް މެދުވެރިކުރައްވައި އެއަށްފަހު އެބަލާވެރިކަމުގެ ސަބަބުން އޭނާއަށް ޘަވާބު ދެއްވަ އެވެ. ނުވަތަ އޭނާގެ ކުށްފާފަތަކަށް ކައްފާރާއެއް ކަމުގައިލައްވަ އެވެ.“ شرح رياض الصالحين (٢٤٤/١)
ވުމުން، ލޭއަޅާ ކުދިންނާއި އަދި އެކުދިންގެ މައިން ބަފައިން އުފުލާ ވޭނާއި ދަތިކަމާއި އަދި ބުރަތަކުގެ މައްޗަށް އަޖުލިބޭނެ ކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. އެފަދައިން ﷲ ތަޤްދީރުގައި ނިޔާކުރައްވާފައިވަނީ ހަމަކަށަވަރުންވެސް އެކަމުގައިވާ ބޮޑު ޙިކްމަތަކަށްޓަކަ އެވެ.
2. ހަށިގަނޑަށް ކުރިމަތިވާ ދަތި އަދި އުނދަގުލާއި ބަލީގެ ޙާލަތްތަކަކީ އޭގެ ސަބަބުން ފާފަތައް ފޮހެވި ދިއުމަށް އޮތް ސަބަބެއް ކަމުގައިވެ އެވެ. الإِمَام الحَافظ ابن رجب رحمه الله ވިދާޅުވެފައިވެ އެވެ. ”މި އެންމެހައި ބަލިތަކާއި، ވަބާތަކާއި، ވޭންތަކާއި ބަލާތަކަކީ އިސްވެ ގޮސްފައިވާ ފާފަތަކަށް އޮތް ކައްފާރާއެކެވެ. އަދި އޭގެ ސަބަބުން މުއުމިނު އަޅުތަކުންނަށް އެއިން ޢިބްރަތް ޙާޞިލްވެގެންދާނެ ކަންތައްތަކެވެ. އަދި އެބައިމީހުންތިބި ނުބައިގޮތްތައް ދޫކޮށް މުސްތަޤްބަލުގައި އެފަދައިން ނުތިބެ (ﷲއަށް) ރުޖޫޢަވުމަށްއޮތް ތަކެއްޗެވެ.“ مجموع رسائله 1-216 ފަހެ، ކިތައް އިންސާނުން އެބައިމީހުންނަށް ދިމާވި ޙާލަތާއި ގުޅިގެން ﷲގެ އަޅުތަކުންގެ ގޮތުގައިވާ ބައެއް ކަމުގައި ހަނދުމަވެ، ﷲއަށް ރޫޖުޢަވެފައިވޭ ހެއްޔެވެ.