މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުން ރައީސްއަށް މަރުހަބާ ދެންނެވީ އެ ގައުމުގެ ރަސްގެފާނުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ގްރޭޓާ ލަންޑަންގެ ޑެޕިޔުޓީ ލެފްޓިނެޓް މޭޖާ ޖެރެމީ ފާންއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި މި ދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެއެވެ.
އިނގިރޭސީންގެ ކިބައިން ރާއްޖެ މިނިވަންވުމާ އެކުއެކީގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކުރިތާ މި މަހުގެ 26 ވަނަ ދުވަހު 60 އަހަރު ފުރޭނެއެވެ.

