މިދިޔަ އަހަރު ތައިލެންޑްގައި މަރުވެފައިވާ މީހެއްގެ މައްޗަށް ކުރާ ދައުވާއެއްގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުން މިއަދު ތާވަލު ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި ތާވަލުގައިވާ ގޮތުން، ތ. ތިމަރަފުށި ލުބޯމާގެ މުއާވިޔަތު މޫސާގެ މައްޗަށް ކުރާ އަދަބު ތަންފީޒުކުރުމުގެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް މުއާވިޔަތު ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ބެންކޮކްގެ ހޮޓަލެއްގައި މަރުވެފައި ފެނިފައެވެ.
މި މައްސަލައަކީ 2022 ވަނަ އަހަރު މުއާވިޔަތުގެ މައްޗަށް ސާބިތުވި ވައްކަމުގެ ދައުވާއަކާ ގުޅިގެން ކަނޑައެޅުނު 42،000 ރުފިޔާގެ ޖޫރިމަނާ ފައިސާ ނުދައްކާތީ، މީރާއިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައެކެވެ.
މުއާވިޔަތު މަރުވެފައިވާކަން ރަސްމީކޮށް އެއްވެސް އިދާރާއަކުން ޕީޖީ އޮފީހަށާއި ކްރިމިނަލް ކޯޓަށް އަންގާފައި ނުވާތީ، މިހާރު ވަނީ ޑީއެންއާރު މެދުވެރިކޮށް އެކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށާފައެވެ.

