މާލޭގެ މަގުމަތީގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ސައިކަލުގައި ޖެއްސުމަށް ފަހު ދާން އުޅުނު 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 16:58 ގައި ސިއްތިމާވާ ހިނގުމުގައި ތ. ގުރައިދޫ / ފިނިހިޔާގެ ޝަޔާން ބިން ރިލުވާން ފެނުނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން މަޑުކުރުމަށް އެންގުމުން، މަޑުނުކޮށް ފުލުހުންގެ ސައިކަލުގައި ޖެއްސުމަށްފަހު ދާން އުޅުނު ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ހައްޔަރުކުރެވުނު ޒުވާނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނެތްކަން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ ގެންގުޅުނު ސައިކަލު ފުލުހުން ވަނީ ޓޯކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

