މާލެ ސިޓީ ކައުންސިލުން، ދުނިޔޭގެ ޒުވާނުންގެ ހުނަރުވެރިކަމުގެ ދުވަހާ ގުޅިގެން، ވީޑިއޯއެއް ހަދައިގެން އެއްވަނައަށް 12،000 ރުފިޔާގެ އިނާމު ލިބޭ މުބާރާތެއް ހުޅުވާލައިފިއެވެ.
ޒުވާނުންގެ ހުނަރު އިތުރުކުރުމާއި ބާރުވެރިކުރުމުގެ މަޤްސަދުގައި ބާއްވާ މި މުބާރާތަކީ “އެންމެން އެކުގައި ސާފު އަދި ރައްކާތެރި މުޖްތަމަޢެއް ބިނާ ކުރުން” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން އެއް މިނެޓާއި ދެ މިނެޓާ ދެމެދުގެ ވީޑިއޯއެއް ހަދައި، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކްގައި ޕޯސްޓްކުރަންވާނެއެވެ. މި މުބާރާތަށް ވީޑިއޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި މަހުގެ 30 ވަނަ ދުވަހެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ އެންމެ ގިނަ ފަރާތްތަކުން އެ ވީޑިއޯއެއް ޝެއަރ ކޮށްފައިވާ މިންވަރަށެވެ. އަދި މުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ވަކިވަކިން އިނާމު ކަނޑައެޅިފައިވެއެވެ.
މީގެއިތުރުން، މުބާރާތަށް ހުށަހަޅާ ވީޑިއޯތައް، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ އެކި ސޯޝަލް މީޑިއާ މަންސަތަކުގައި ބޭނުންކުރެވޭނެއެވެ. ނަމަވެސް ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއަރކުރަންވާނީ މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ހޭޝްޓެގް ބޭނުންކޮށްގެންނެވެ.

