ދުލުގައި ބިހި ނެގުމަކީ ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. މިކަން ދިމާވުމުގެ ސަބަބުތަކާއި، ގޭގައި ތިބެގެން ދެވިދާނެ ފަރުވާތަކަކީ ކޮބައިކަން އެނގުމަކީ މުހިންމު ކަމެކެވެ.
ދުލުގައި ބިހި ނެގުމުގެ ސަބަބުތައް
ދުލުގައި ބިހި ނެގުމަށް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ނޭނގި އަނގައަށް ލެވޭ ވަރަށް ހޫނު ކާނާ، ހަރު އަދި ތޫނުކަމެއް ހުންނަ ކާނާގެ އިތުރުން ދުލަށް ލިބޭ އަނިޔާ ހިމެނެއެވެ. މީގެ އިތުރުން، ސްޓްރެސްއާއި، ވަކި ބާވަތްތަކުގެ ކާނާއަށް އެލަރޖީވުމާއި، ބެކްޓީރިއާ އަދި ފަންގަސްގެ ސަބަބުން ވެސް ދުލުގައި ބިހި ނެގުން އެކަށީގެންވެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި މިނަރަލްސް މަދުވުމުގެ ސަބަބުން ވެސް މިފަދަ މައްސަލަތައް ކުރިމަތިވެދާނެއެވެ.
ގޭގައި ދެވިދާނެ އަވަސް ފަރުވާ
ދުލުގައި ބިހި ނެގުމުން ގޭގައި ތިބެގެން ދެވިދާނެ ފަރުވާތަކުގެ ތެރޭގައި:
- ލޮނުފެނުން އަނގަދޮވުން – މިއީ އިންފެކްޝަން ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު އެއް ގޮތެވެ.
- ހޫނުކަން ގަދަ، ކުޅި، ހަވާދުގެ ބާވަތްތައް ހިމެނޭ، ތޫނުކަމެއް ހުންނަ ކާއެއްޗެހި (ތެލުލި ބަނބުކެޔޮފަދަ ތޫނުކަނުން އަނގަ ކަނޑައިގެންދާފަދަ ބާވަތްތައް) ކެއުމުން ދުރުވުން
- މާމުއި ހޭކުން، އަދި މާމުއި ސަމުސަލެއް ވަރު ބޯންދިނުން- މީގެ އެންޓި-އިންފްލެމެޓަރީ އަދި އެންޓި-މައިކްރޯބިއަލް ސިފަތަކުގެ ސަބަބުން ބިހި ނުވަތަ ބިހިނަގައި ފާރުވިތަން ރަނގަޅުވުމަށް އެހީތެރިވެދެއެވެ.
- ކާށިތެޔޮ – ކާށިތެލުގައި ހުންނަ އެންޓި-ބެކްޓީރިއަލް ސިފަތަކުގެ ސަބަބުން ދުލުގައި ނަގާފައިވާ ބިހި ފަސޭހަވުމަށް އެހީތެރިވެދެއެވެ.
- އަލޯވެރާ – ފިނިކޮށްލަދީ ރިހުން ކަނޑުވާލުމަށް އެހީތެރިވެދެއެވެ.
ސަމާލުވާންވީ ކަންކަން
ދުލުގައި ބިހި ނެގުމުން އަމިއްލައަށް ފަރުވާ ދޭއިރު، ވަކި ކަންތައްތަކަކަށް ސަމާލުވާން ޖެހެއެވެ. މިގޮތުން:
- ހޫނު އަދި ކުޅި އަދި ހަރު އެއްވެސް އެއްޗެއް ކެއުމުން ދުރުވުން
- އަނގައިގެ ސާފުތާހިރުކަން ބެލެހެއްޓުން
- ގިނައިން ފެން ބުއިން
- ދުލަށް އިތުރު އަނިޔާ ނުވާނެހެން ސަމާލުވުން
ޑޮކްޓަރަށް ދައްކަންވީ ހާލަތްތައް
އަމިއްލައަށް ދޭ ފަރުވާއިން ރަނގަޅުނުވެ، ހަފްތާއެއްހާ ދުވަހަށްވުރެ ގިނަ ދުވަސްވާނަމަ، ނުވަތަ ހުންއައިސް ދުލުގެ އެތަން ފާރުވެ ކަރު ދުޅަވެއްޖެނަމަ، ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ. އަދި ބިހީގެ ސަބަބުން ކެއުމަށް ދަތިވެ، އާންމު ދިރިއުޅުމަށް ބުރޫއަރާ މިންވަރަށް ވޭން ލިބޭނަމަ ވެސް ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭނެއެވެ.

