އއ. މާޅޮހުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އަނިޔާވެރިކޮށް މަރާލި އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ) ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާގެ ތްރިވަންތަޕޫރަމްއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އަބްދުއްރަހުމާންގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މައްސަލައިގެ ތަހުގީގު މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މާޅޮހަށް އަރައި ފައިބާ މީހުން މޮނިޓަރކުރުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުންދާއިރު، ރަށުގެ ބަނދަރުމަތީގައި ފުލުހުން ތިބިކަން ރަށު މީހުން ފާހަގަކުރެއެވެ.
އަބްދުއްރަހުމާނަށް ހަމަލާދީ މަރާލާފައިވަނީ އޭނާގެ އަނބިމީހާ ނާޒިމާ އިބްރާހިމްގެ ގެ ކަމަށްވާ މާހިޔާގޭގައި ނިދާފައި އޮއްވައެވެ. މި މައްސަލައިގައި ފުލުހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ އަތިރިމައްޗާއި ގޮނޑުދޮށް އަދި ފަޅުތެރެއިން ބައެއް ސަރަހައްދު ބަލައި ފާސްކުރުން ހިމެނެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ ރަށުގައި ހުރި ދެ ސީސީޓީވީ ކެމެރާގެ ފޫޓޭޖް ހޯދައި، އަބްދުއްރަހުމާންގެ އަވަށްޓެރިންނާ ސުވާލުކޮށް، އަދި ހާދިސާ ހިނގި ތަނުން ބޮޑީ ސާމްޕަލްއާއި ފިންގަރ ޕްރިންޓް ނަގާފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ރަށް އަދިވެސް އޮތީ ފުލުހުންގެ މޮނިޓަރިންގައި ކަމަށާއި، މޮނިޓަރިންގ ނިންމާނެ ދުވަހެއް އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ.

