ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާ ސްޓްރޯކް، ހާޓްއެޓޭކް، ކެންސަރ ފަދަ ބަލިތަކުން ޒުވާނުން ސަލާމަތްކުރުމަށްޓަކައި ޑރ. ޢަބްދުއް ޞަމަދުމެމޯރިއަލް ހޮސްޕިޓަލާއި ހޯނޑެއްދޫ ކައުންސިލާއި، އަދި ހޯނޑެއްދޫ ޞިއްޙީ މަރުކަޒާއި ގުޅިގެން ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޑރ. ޢަބްދުއް ޞަމަދުމެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ޙުސައިން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި އެނަރޖީ ޑްރިންކްސް ބޭނުން ކުރާ މިންވަރު ގިނަވުމާއެކު ދުންފަތުގެ އިސްތިޢުމާލު ކުރުން ފަދަ ޞިއްޙަތަށް ނުރައްކާތެރި ޢަމަލުތައް ޒުވާނުންގެ މެދުގައި އަށަގެންފައިވާ މިންވަރުގެ ސަބަބުން ކަމުގައި ހޯދުންތަކުން އެނގޭކަމަށާއި ޒުވާނުންގެ މެދުގައި މިދެންނެވި ދުންފަތުގެ އިސްތިޢުމާލުކުރުން ގިނަވުމާއި، ސްޕާރީ ފަދަ ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެހި ބޭނުންކުރުމާއި އެކު ފިޒީ ޑްރިންކްސް ބުއިން ވަނީ އާންމު ކަމަކަށްވެފައިވާކަމަށެވެ. ހޮސްޕިޓަލުން އިސްނަގާނެ ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ މައިގަނޑު ވިސްނުމާއި މަޤުޞަދު ހުރީ އެ މައްސަލަ އަށް އުންމީދީ ޙައްލެއް ހޯދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަލިތަކުން ރައްކާތެރިކަމަށްޓަކައި ހޯނޑެއްދޫގަ ބޭއްވި ޚާއްޞަ ޕްރޮގްރާމުގެ ތެރެއިން
މުޅި ގދ އަތޮޅަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިޔުމަށް ތައްޔާރު ވަމުންދާ މި ޕްރޮގްރާމުގެ ފުރަތަމަ މަންޒިލަކީ ހޯނޑެއްދޫއެވެ.
ޒުވާނުން ހޭލުންތެރި ކުރުމަށްޓަަކައި ޑރ. ޢަބްދުއް ޞަމަދުމެމޯރިއަލް ހޮސްޕިޓަލާއި ހޯނޑެއްދޫ ކައުންސިލް އަދި ހޯނޑެއްދޫ ޞިއްޙީ މަރުކަޒު ގުޅިގެން މި ޕްރޮގްރާމް ހިންގުމަށްޓަކައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިސް ވެރިންގެ ޓީމެއް ވަނީ ހޯނޑެއްދޫއްށް ވަޑައިގެން މިމަހުގެ 14ވަނަ ދުވަހު ބާއްވާފައެވެ.
ހޮސްޕިޓަލުން އިސްނަގައިގެން ކުރިއަންގެންދާ މިޕްރޮގްރާމަށް ހޯނޑެއްދޫ ކައުންސިލާއި، ޞިއްޙީ މަރުކަޒުގެ ފުރިހަމަ ތާއީދާއި، އެއްބާރުލުން ލިބޭނެކަމުގައި އެދެމުއްސަސާއިން ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އަހަރުތަކެއް ކުރިން ގދ ގެ ބައެއް ރަށްރަށުގައި ދުންފަތުގެ ނުރައްކާތެރިކަމުން މުޖުތަމަޢު ސަލާމަތްކުރުމަށް ވަނީ ވަރަށް ކާމިޔާބު ޕްރޮގްރާމް ތަކެއް ހިނގާފައެވެ . އޭރު ތިނަދޫ ސިއްޚީ މަރުކަޒުން އިސްނަގައިގެން ހިންގި މިޕްރޮގްރާމްގައި އެންމެ އިސްކޮށް ހުންނެވި މިހާރު ފެށުމަށް ތައްޔާރު ވަމުންދާ ޕްރޮގްރާމުގައިވެސް އިސްފަރާތް ކަމުގައިވާ އެސްޕޑީ މުހައްމަދު ހުސައިންކަން ފާހަގަ ކޮށްލެވެއެވެ.

