އަސްކޮއި ޙައްޖު އުމްރާ ޓުއާރސް ޕްރައިވެޓް ލިމިޓެޑްއިން އުމްރާއަށް ގެންދާނެކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގައި، އުމްރާއަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
މި މައްސަލައާ ގުޅިގެން، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މި މައްސަލަ ދަނީ ތަޙުޤީޤުކުރަމުންނެވެ.
ފުލުހުން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ގްރޫޕްގެ ފަރާތުން މިފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ، އެކަން އިކޮނޮމިކް ކްރައިމްގެ ނަންބަރު 9790048 އަށް ގުޅުއްވައި، ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވެ މައްސަލަ ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފައިސާ ގެއްލިގެން ދިއުމުގެ ފުރުސަތު އޮތުމާއެކު، ޙައްޖު އަދި އުމްރާގެ ޚިދުމަތްތައް ހޯދުމުގައި ސަރުކާރުން ހުއްދަ ދީފައިވާ ކުންފުނިތަކުން އެ ޚިދުމަތް ހޯދުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި ގޮތުގައި މި މައްސަލައިގެ މަޢުލޫމާތު އެވުޒާރާގެ ސަމާލުކަމަށް ރޭ އިރުކޮޅެއްގައި ވަނީ އައިސްފައެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅައި، ޤަވާޢިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ވަޒީރު ވަނީ ރޭގައި ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އެންމެ ފަހު ވަގުތު ޢުމްރާއަށް ނުދެވޭނެ ކަން އަންގައި، އޭގެ ފަހުން ފޯނަށް ޖަވާބު ނުދީ، ގުޅޭ ނަންބަރުތައް ވަނީ ނިއްވާލާފައެވެ. މައްސަލައާ ގުޅޭ ގޮތުން ޝަކުވާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުންފުނީގެ ވެރިން ވެސް ވަނީ ފިލާފައެވެ. މި މައްސަލައިގައި އެތައް ބައެއްގެ ފައިސާ ގެއްލިފައިވާ ކަމަށް ލަފާކުރެވެއެވެ.

