އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އެރަށު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ތަހުގީގު ކުރިއަށް ދަނިކޮށް، އޭނާގެ އަނބިމީހާ ނާޒިމާ އިބްރާހިމްގެ ފޯނު ފުލުހުން މިއަދު ހަވީރު ހިފަހައްޓައިފިއެވެ.
އަބްދުއްރަހުމާނާއި ނާޒިމާގެ ދަރިފުޅު އަހުމަދު ނިމާލް މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، “ކޮންމެވެސް ޑާޓާތަކެއް ނަގަން ކަމަށް ބުނެ މަންމަގެ ފޯނު ފުލުހުން ގެންދިޔައީ” ކަމަށެވެ. އަދި މިހާތަނަށް އާއިލާގެ އެހެން މެންބަރެއްގެ ފޯނެއް ފުލުހުން ހިފަހައްޓާފައި ނުވާކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އަބްދުއްރަހުމާން (65 އަހަރު) މަރާލާފައިވަނީ ބޮޑެތި ޒަހަމްތަކެއް ދީގެންނެވެ. އޭނާގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަނބިމީހާ ނާޒިމާއަށެވެ. އޭގެ ފަހުން އެ ރަށުގެ އިތުރު ބަޔަކަށް ވެސް އަބްދުއްރަހުމާންގެ ހަށިގަނޑު ފެނި، ހޮސްޕިޓަލަށް ގެންދެވުނެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އަބްދުއްރަހުމާނުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނެވި، ބޭރަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ހާދިސާއާ ގުޅިގެން އެރަށަށް އަރާ ފައިބާ މީހުން ދަނީ މޮނިޓަރ ކުރެވެމުންނެވެ.

