މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދު އިރުއޮއްސި 6:15 ހާއިރު ހިނގި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ އިން މާލެއަށް ދާން އޮންނަ ހަލިމަގުގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މަންޒަރު ދުށް މީހަކު ބުނެފައިވާގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ކާރު ފަހަތުގައި އޮތް ސައިކަލް ކާރަށް އުރިގެން ކަމަށެވެ.
އެކްސިޑެންޓުވި ސައިކަލްގައި ތިބީ ދެ އަންހެނުންނެވެ. އެ ތަނުން އެކަކު ކާރުގެ ފަހަތު ބިއްލޫރިގަނޑު ފަޅާފައި އެތެރެއަށް ވަތް ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެެވެ.
މި އެކްސިޑެންޓުގައި ޒަހަމްވި އަންހެން މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެ ސަރަހައްދުގައި ވަރަށް ގިނަ އަދަދަކަށް ލޭ ފައިބާފައިވާ މަންޒަރު މީސްމީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެނެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް ގިނަ އަދަދަކަށް ހިނގަމުން އަންނައިރު، މި މަހުގެ 13 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުޑަ ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.

