އޯޓިޒަމް ކުދިންނަށް ހުރިހާ ދާއިރާއަކުން އެހީވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރަށް އޮތް ކަމަށް އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށްޓަކައި ބާއްވަމުން އަންނަ “އާޓް އޮފް މައިންޑް”ގެ މި އަހަރުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވިގޮތުގަައި އެމްއޭސީއެލްގެ ވިސްނުމަކީ އޯޓިޒަމް ފަދަ ކުދިންނަށް އެ ކުންފުނީގެ ދޮރު ތަންމިނަށް ހުޅުވާލާފައި ބޭއްވުން ކަމަށެވެ.
“އޯޓިޒަމް ހުންނަ ކުދިންނަށް ހުރިހާ ރޮނގަކުން އެހީތެރިވާން އެމްއޭސީއެލް އޮތީ ތައްޔާރަށް، އެގޮތުގައި ދެމި ތިބޭނަން. އެމްއެސީއެލް އަބަދުވެސް ދެމި އޮންނާނީ އޯޓިޒަމް އެސޯސިއޭޝަންގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި. މި ގުޅުން ދުވަހެއް ދުވަހެއް ދާނީ ބަދަހިވަމުން. ގޮވާލި ކޮންމެ ކަމަކަށް އިޖާބަ ދޭނަން” އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވިއެވެ.
2010 ވަނަ އަހަރުން ފެށިގެން އޯޓިޒަމް ކުދިންނަށް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު އެކަމުގައި އިލްހާމް ހުސެއިން ކޮށްދެއްވަމުން ގެންދަވަނީ ގައުމީ އަދި ފަރުދީ މަސައްކަތެއް އެކަނި ނޫން ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ތަފާތު ނުކުޅެންތެރިކަން ހުންނަ ފަރާތްތަކަށް އެމްއޭސީއެލް އިން ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުން އަންނައިރު އޯޓިޒަމް ކުދިންނަށް ތަފާތު ދާއިރާތަކުން މީގެ ކުރިންވެސް ވަނީ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

