2030 ވަނަ އަހަރު އަންނައިރު ކްރިއޭޓިވް އިންޑަސްޓްރީތަކުން މަދުވެގެން ޖީޑީޕީގެ 15 ޕަސަންޓު ހިއްސާކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެ-ޔޫކޭ ބިޒްނަސް ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، “އަޅުގަނޑުމެންގެ އަމާޒަކީ 2030 އަށް ކްރިއޭޓިވް އިންޑަސްޓްރީތަކުން ޖީޑީޕީގެ މަދުވެގެން 15 ޕަސަންޓު ހިއްސާކުރުން” ކަމަށް ވިދާޅުވިއެވެ. އަދި ޑިޖިޓަލް ކޮންޓެންޓް، ޑިޒައިން، މީޑިއާ، ގޭމިން، ސަގާފީ ވިޔަފާރިތަކާއި އާޓްސް ހިމެނޭ ކްރިއޭޓިވް ދާއިރާއަކީ ރާއްޖޭގެ ކުރިއެރުމަށް މުހިންމު “އިންޖީނެއް” ކަމުގައި ސިފަކުރެއްވިއެވެ.
ރާއްޖޭގެ ޒުވާން އަދި ޓެކްނޮލޮޖީއަށް އަހުލުވެރި އާބާދީއާއި، އަވަސް ދުވެލީގައި ކުރިއަރަމުންދާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ބޭނުން ހިފައިގެން، ދިވެހިންގެ ހުނަރުވެރިކަމާއި ދުނިޔޭގެ ކްރިއޭޓިވް ބައިވެރިވުންތައް ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި ރައީސް ވަނީ އިނގިރޭސިވިލާތުގެ ކްރިއޭޓިވް މުއައްސަސާތަކާއި، ޑިޖިޓަލް ސްޓާޓްއަޕްތަކާއި، ޑިޒައިން ކުންފުނިތަކާއި، މީޑިއާ ވިޔަފާރިތަކަށް، ދިވެހިންނާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި، އިންވެސްޓްކުރުމަށް ދަޢުވަތު ދެއްވާފައެވެ. އަދި ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީކުރުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ފާހަގަކުރެއްވިއެވެ.
“މީގެ މަގުސަދަކީ ވިޔަފާރިތަކަށް އެހީތެރިވެދީ އާ ގޮތްތައް ހޯދުމަށް މަގުފަހިކޮށްދޭ ސްމާޓް ދައުލަތެއް ގާއިމުކޮށް، ވެރިކަން ހިންގުން ހަރުދަނާކުރުން” ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތުގައި ޔޫކޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، ސޮފްޓްވެއާ ފޯރުކޮށްދޭ ފަރާތްތަކާއި، އީ-ގަވާނަންސް އެކްސްޕާޓުންނާއި، ސައިބާ ސެކިއުރިޓީ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

